ޖެންޑަރ މިނިސްޓަރ ރަސްމީ ދަތުރުފުޅެއްގައި މިއަތޮޅު ނިލަންދުއަށް ވަޑައިގެންފި

21 ނޮވެންބަރ 2017

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމެލީ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި މިއަދު މިއަތޮޅު ނިލަންދުއަށް ވަޑައިގެންފިއެވެ.

އެކަމަނާގެ މި ދަތުރުފުޅުގައި ނިލަންދޫގައި ހުރި ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި، އެސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުން ސެންޓަރުގެ މުވައްޒަފުންނާ ވާހަކަދެއްކެވިއެވެ.

މީގެ އިތުރުން ފ.އަތޮޅު ކައުންސިލާއި ހެލްތު ސެންޓަރާއި ޕޮލިސް ސްޓޭޝަން އަދި ނިލަންދޫ ކައުންސިލްގެ މެންބަރުންނާވެސް ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރައްވައި، މިނިސްޓްރީއާއި އެ މުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

އެކަމަނާގެ މި ދަތުރުފުޅުގައި ނިލަންދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ކޮމިޓީގެ މަސައްކަތްތައް އޮޅުންފިލުއްވައި، ކުރިއަށް ރާވާފައިވާ ކަންކަމާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.