އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މިސްކިތްތައް އެއާރކޯން ކުރުމުގެ މަޝްރޫޢު މިއަތޮޅު ދަރަނބޫދޫގައި ފައްޓަވައި ދެއްވައިފި

28 މާރިޗު 2019


އިޔާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން މުޅިރާއްޖޭގެ މިސްކިތްތައް އެއާރކޯން ކުރުމަށް ސަރުކާރުން ހިންގަވާ މަޝްރޫ މިއަތޮޅު ދަރަނބޫދޫގައި މިނިސްޓަރ އޮފް އިސްލާމިކު އެފެއާރޒު އޮނަރަބުލް ޑރ. އަޙުމަދު ޒާހިރު ފައްޓަވައި ދެއްވައިފިއެވެ. މިމަޝްރޫޢުގެ ދަށުން އެއާރކޯންކުރި ފުރަތަމަ މިސްކިތަކީ މިއަތޮޅު ދަރަނބޫދޫ މަސްޖިދުއްތަޤުވާ މިސްކިތެވެ.

މިމަޝްރޫޢު ފައްޓަވައި ދެއްވުމުގެ ގޮތުން 27 މާރިޗު 2019 ވަނަ ދުވަހު ދަރަނބޫދޫގައި ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އިސްލާމިކު އެފެއާޒު އޮންރަބުލް ޑރ އަޙުމަދު ޒާހިރު ދެއްކެވި ވާހަކަފުޅުގައި، މިމަޝްރޫޢުއަކީ ދިވެހި ސަރުކާރުން ވަރަށް އިސްކަން ދެއްވައިގެން ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ މަޝްރޫޢުއެއް ކަމާއި، ކުރިއަށްއޮތް 03 އަހަރު ދުވަހުގެ ތެރޭގައި އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން މުޅިރާއްޖޭގެ ހުރިހާ މިސްކިތްތައް އެއާރކޯން ކުރުމުގެ މަސައްކަތް ނިންމާލުމަށް މަސައްކަތްތައް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިސްކިތްތަތަކާބެހޭ ގޮތުން ވަރަށްގިނަ މަޢުލޫމާތު ތަކެއް ސާފު ކުރައްވާފައިވާނޭ ކަމަށާއި، މިގޮތުން އެއްކުރެވިފައިވާ މަޢުލޫމާތު ތަކުގެ މައްޗަށް ބެލުމަށްފަހު މިސްކިތްތައް އެއާކޯން ކުރުމުގައި އިސްކަންދޭ ތަރުތީބު ތަކެއް ކަނޑައަޅުއްވާފައިވާ ކަމަށާއި، އެތަރުތީބުގެ މަތިން މިސްކިތްތައް އެއާރކޯން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށާއި، މިމަޝްރޫޢުގެ ފުރަތަމަ މިސްކިތެއްގެ ގޮތުގައި ދަރަނބޫދޫ މަސްޖިދުއްތަޤުވާ މިސްކިތް ހޮވިފައިވާގޮތްވެސް މިނިސްޓަރ އޮފް އިސްލާމިކު އެފެއާރޒު އޮނަރަބުލް ޑރ އަޙުމަދު ޒާހިރު ވިދާޅުވެ ދެއްވިއެވެ.

މިމަޝްރޫޢުގެ ދަށުން މިސްކިތްތައް އެއާރކޯން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވަނީ މިނިސްޓްރީ އޮފް އިސްލާމިކު އެފެއާރޒާއި، ފެނަކަ ކޯޕަރޭޝަންއާއި ގުޅިގެން ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އިސްލާމިކު އެފެއާރޒާއި ފެނަކަ ކޯޕަރޭޝަންގެ އިސްވެރިންނާއި، ފ.އަތޮޅު ކައުންސިލާއި، ރަށުކައުންސިލް ތަކުގެ އިސްވެރިންނާއި ދަރަނބޫދޫގެ ޢާންމު ރައްޔިތުން ބައިވެރިވެ ވަޑައިގަތެވެ.