މިއަތޮޅު ބިލެއްދޫ ޕޮލިސް ސްޓޭޝަން ހުޅުވައިފި

25 އެޕްރީލް 2019


ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިލަންދެއަތޮޅު އުތުރުބުރީ ބިލެއްދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމު ކުރުމުގެ ގޮތުން އެރަށުގެ ޕޮލިސްސްޓޭޝަން މިއަދު ހުޅުވައި ދެއްވައިފިއެވެ.

ބިލެއްދޫ ޕޮލިސްސްޓޭޝަން ހުޅުވުމަށް މިއަދު ބިލެއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ޕޮލިސްސްޓޭޝަން ހުޅުއްވައި ދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝެއިޚް އިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދެވެ. ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވުމަށްފަހު އެދެބޭފުޅުން ބިލެއްދޫ ޕޮލިސް ސްޓޭޝަންގައި ޤައުމީ ދިދައާއި ފުލުހުންގެދިދަ ނަންގަވައި ދެއްވިއެވެ.

ބިލެއްދޫ ޕޮލިސް ސްޓޭޝަން ހުޅުވައި ދެއްވުމަށްފަހު މިނިސްޓަރ އޮފް ހޯމް އެފެއާޒް އައްޝެއިޚް އިމްރާން ޢަބަދުﷲ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުންނާއި، ދިވެހި ފުލުހުންގެ މުއައްސަސާއިން ދިވެހިރައްޔިތުންގެ ކުރިއެރުމަށް ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރައްވައި، ބިލެއްދޫގައި ހުޅުވިގެންދިޔަ ޕޮލިސްސްޓޭޝަނުގެ މަސައްކަތައްތައް ކުރިއަށް ގެންދިއުމުގައި ބިލެއްދޫ ރައްޔިތުންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުން ލިބިގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ ރައްކާތެރިކަމާއި ރައްޔިތުންގެ ތެރޭގައިހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމުގައި ފުލުހުން އަދާކުރަންޖެހޭ ދައުރު ފުޅާވެފައިވާކަމުގައި ފާހަގަކުރައްވައި، ފުލުހުންގެ މައިގަނޑު މަޤްޞަދަކީ ކުށްމަދުކުރުމާއި ރައްޔިތުންގެ ތެރޭގައި ކުށުގެ ބިރުވެރިކަން ކުޑަކުރުމާއި އިންސާނީ ހައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތުމާއި ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ވީހާވެސް ރަނގަޅު ޚިދުމަތްތަކެއް ދިނުންކަމުގައި ވިދާޅުވިއެވެ.

ބިލެއްދޫ ޕޮލިސް ސްޓޭޝަން ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އައްޝައިޚް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުގެ އިތުރުން ފުލުހުންގެ އިސްވެރިންނާއި، ބިލެއްދޫ ކައުންސިލާއި، ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، އަތޮޅުކައުންސިލުންނާއި، ބިލެއްދޫގެ ކަމުވޮށިގެންވާ ފަރާތްތަކާއި ރައްޔިތުން ބައިވެރިވެލެއްވިއެވެ.

ބިލެއްދޫގައި ހުޅުވިގެންދިޔަ ޕޮލިސް ސްޓޭޝަން ޢިމާރާތަކީ ބިލެއްދޫ ރައްޔިތުންގެ ޢިމާރާތެކެވެ.