މިއަތޮޅު ނިލަންދޫ ރައްޔިތުންގެ ކަރަންޓާއި ނިލަންދޫގެ ނަރުދަމާނިޒާމު ފެނަކައާއި ޙަވާލުކޮށްފި

23 މޭ 2019


ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ ރައްޔިތުންގެ ކަރަންޓާއި، ނިލަންދޫގެ ނަރުދަމާ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ޙަވާލު ކޮށްފިއެވެ.

ނިލަންދޫގެ ކަރަންޓާއި، ނަރުދަމާ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ޙަވާލު ކުރުމަށް 22 މޭ 2019 ވަނަ ދުވަހު ފ.އަތޮޅު ހޮސްޕިޓަލްގެ ރެކްރިއޭޝަން ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި މިކަމުގެ އެއްބަސްވުމުގައި ފ.ނިލަންދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޖަލީލެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ސަޢީދެވެ.

މިރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ޖަލީލު ދެއްކެވި ވާހަކަފުޅުގައި، ނިލަންދޫގެ ކަރަންޓާއި ނަރުދަމާ ނިޒާމު ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ، ކަރަންޓުގެ ޙާލަތާއި، ނަރުދަމާ ނިޒާމުގެ ޙާލަތު މިހާރު އޮތްގޮތުން ރައްޔިތުންގެ މާލީތަނަވަސްކަން ނެތުމާއެކު އެޚިދުމަތްތައް ރަގަނޅު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށްދެވެން ނެތުމުން ކަމަށާއި، މިހެންވެ ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެޚިދުމަތްތައް އެންމެ ރަގަނޅު ފެންވަރުގައި ރައްޔިތުންނަށް ފޯރުކޮށް ދެއްވަމުން ގެންދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް އަޙުމަދު ސަޢީދު ދެއްކެވި ވާހަކަ ފުޅުގައި، ނިލަންދޫ ރައްޔިތުންގެ ކަރަންޓާއި ނިލަންދޫގެ ނަރުދަމާނިޒާމު ފެނަކަ ކޯޕަރޭޝަނާއި ޙަވާލު ކުރެއްވުމުން އެކަމަށް އުފާކުރައްވައި ރައްޔިތުންނަށް ޝުކުރު އަދާކުރައްވާ ކަމަށާއި، ނިލަންދޫގެ ރައްޔިތުން ފެނަކަ ކޯޕަރޭޝަނަށް އިތުބާރު ކުރެއްވުމަށާއި، ނިލަންދޫގެ ރައްޔިތުން ހިތްހަމަޖެހޭ އެންމެ ރަގަނޅު ފެންވަރުގައި ކަރަންޓާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދެއްވަމުން ގެންދަވާނެ ކަމަށްވިދާޅުވެ، އެބޭފުޅުންގެ މަސައްކަތްތަކުގައި ނިލަންދޫގެ ކައުންސިލާއި ނިލަންދޫގެ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ނިލަންދޫ ކައުންސިލުންނާއި، ފެނަކަ ކޯޕަރޭޝަންގެ އިސް ބޭފުޅުނާއި، ނިލަންދޫގައިހުރި ދާއިރާތަކުގެ ވެރިންނާއި، ނިލަންދޫގެ ކަމުވޮށިގެންވާ ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.

ނިލަންދޫގެ ކަރަންޓާއި، ނިލަންދޫގެ ނަރުދަމާނިޒާމު ފެނަކަ ކޯޕަރޭޝަނާއި ޙަވާލުކުރީ ނިލަންދޫގެ ކަރަންޓާއި ނަރުދަމާ ނިޒާމު ފެނަކަ ކޯޕަރޭޝަނަށް ދިނުމަށް ނިލަންދޫ ރައްޔިތުންގެ ސިއްރުވޯޓެއް 20 އެޕްރީލް 2019 ވަނަ ދުވަހު ނެގުމުން ވޯޓުލީމީހުންގެ އަޣުލަބިއްޔަތުން ނިލަންދޫގެ ކަރަންޓާއި، ނިލަންދޫގެ ނަރުދަމާ ފެނަކަ ކޯޕަރޭޝަނާއި ޙަވާލު ކުރުމަށް ނިންމުމުންނެވެ.

ނިލަންދޫ ރައްޔިތުންނަށް ކަރަންޓު ދެމުންގެންދާ އިންޖީނު ތަކުގެ ތެރެއިން އެންމެ ބޮޑުއިންޖީނަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅިގެން ރައްޔިތުންނަށް ބޭނުންވާ ވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ދަތިވެފައިވާ މިދަނޑިވަޅުގައި، ފެނަކަ ކޯޕަރޭޝަނުން ނިލަންދޫގެ ކަރަންޓާއި ނަރުދަމާ ޙަވާލުވިއިރު، އެކުންފުނީގެ ފަރާތުން 1000 ކިލޯވޯޓުގެ ޖަނަރޭޓަރެއް އިއްޔެ ނިލަންދޫއަށް ގެނެސްފައިވާކަންވެސް ފާހަގަ ކުރެވެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިޖަނަރޭޓަރަކީ އެކުންފުންޏަށް ސްޓެލްކޯއިން ދީފައިވާ ޖަނަރޭޓަރެކެވެ.