ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ރައީސުލް ޖުމްހޫރިއްޔާއާއި ބައްދަލު ކުރައްވައިފި

25 ޖޫން 2019


ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގެ ތަރައްޤީގެ މަސައްކަތްތަކާއި އެނޫންވެސް އަތޮޅަށް ދިމާވެފައިވާ ދަތިތައް ރައީސުލްޖުމްހޫރިއްޔާއި ދަންނަވައި އެކަމަށް ޙައްލު ހޯދުމުގެ ގޮތުން އަތޮޅުކައުންސިލުން މާލެދިޔަ ވަފުދުގެ ބޭފުޅުން 24 ޖޫން 2019 ވަނަދުވަހުގެ މެންދުރުފަހު ރައީސުލް ޖުމްހޫރިއްޔާ އަލްފަޟިލް އިބުރާހީމް މުޙައްމަދު ޞާލިޙާއި ބައްދަލު ކުރައްވައިފިއެވެ. މިބައްދަލު ކުރެއްވުންއޮތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ނިލަންދެއަތޮޅު އުތުރުބުރީގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ. އަތޮޅު ކައުންސިލުން ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، އަތޮޅުގެ ފެރީގެ ނިޒާމު ހުއްޓިފައި އޮތުމާއި، އެއާޕޯޓެއް ނެތުމުގެ މައްސަލަ ހިމެނެއެވެ.

މިބައްދަލު ކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އަތޮޅު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. އަދި ހުށަހެޅުއްވި ކަންކަމަށް ސަރުކާރުގެ އިދާރާތަކާއި މަޝްވަރާކުރައްވައިގެން ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވިއެވެ.