ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުރައްޔިތުންގެ ނަމުގައި 3000 ޙިއްޞާ ގަނެފި

15 ސެޕްޓެންބަރ 2019


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުރައްޔިތުންގެ ނަމުގައި މޯލްޑިވްސް އިސްލާމިކު ބޭންކުން 3000 ޙިއްޞާ 12 ސެޕްޓެންބަރ 2019 ވަނަ ދުވަހު ގަނެފިއެވެ. ޙިއްޞާއެއްގެ އަގަކީ -/35 ރުފިޔާއެވެ. ޙިއްޞާ ގަތުމަށް ޚަރަދުކުރީ -/105،000 ރުފިޔާއެވެ. މިފައިސާ ޚަރަދުކުރީ މާލޭގައިހުރި ފ.އަތޮޅުފިހާރައިގެ ކުއްޔަށްލިބިފައިހުރި ފައިސާގެ ތެރެއިންނެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ރައްޔިތުންގެ ނަމުގައި މޯލްޑިވްސް އިސްލާމިކު ބެންކުން 3000 ޙިއްޞާގަތީ އަތޮޅުކައުންސިލަށް ލަފާދޭ ކޮމެޓީއާއި މަޝްވަރާކުރުމަށްފަހު އެ ޢަދަދަށް ޙިއްޞާގަތުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 2019 ވަނައަހަރުގެ 26 ވަނަ ޢާންމު ޖަލްސާއިން 11 ސެޕްޓެންބަރ 2019 ގައި ނިންމައިގެންނެވެ.

ބެންކު އޮފް މޯލްޑިވްސްއިންވެސް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުރައްޔިތުންގެ ނަމުގައި 3000 ޙިއްޞާ ގަނެފައިވެއެވެ. މިގޮތުން ބެންކު އޮފް މޯލްޑިވްސްއިން ގަނެފައިވާ ޙިއްޞާގެ ފައިދާއަށް މިހާތަނަށް -/369،360 ރުފިޔާ ލިބިފައިވެއެވެ.

ފ.އަތޮޅު ރައްޔިތުންގެ ނަމުގައި ލިބޭފައިސާއިން އަތޮޅުގެ ރަށްރަށުގެ ކަންތައްތައް ރަގަނޅު ކުރުމަށް ގިނަކަންތައްތަކެއް ކޮށްދެމުން ގެންދެވެއެވެ. މިގޮތުން މިއަހަރު ކޮށްދެވިފައިވާ ކަންތައްތަކަށްވެސް މިހާތަނަށް -/987،475 ރުފިޔާ ޚަރަދު ކުރެވިފައިވެއެވެ.