ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދަން ފިނޭންސްގެ ހުއްދަ ނަގަން ނުޖެހޭ ގޮތަށް ހަމަޖައްސަވައިފި

28 ނޮވެންބަރ 2017

ދައުލަތުގެ އިދާރާތަކުން ހުސްވާ މަގާމުތަކަށް މުވައްޒަފުން ހޯދަން މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ހުއްދަ ނަގަން ނުޖެހޭ ގޮތަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

މިކަމާބެހޭ ގޮތުން ފިނޭންސް މިނިސްޓްރީން ނެރުއްވާފައިވާ ސާކިއުލާގައި ބުނެފައި ވަނީ، ދައުލަތުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން ވަޒީފާ ތަކަށް މުވައްޒަފުން ނެގުމަށް 22 ސެޕްޓެންބަރ 2016 ގައި އަމަލު ކުރަންފެށި އުޞޫލްގައި، ފިނޭންސް މިނިސްޓްރީގެ ހުއްދަނެތި އެއްވެސް މަގާމަކަށް މުވައްޒަފުން ނުނެގޭ ގޮތަށް އޮތުމުން ދައުލަތުގެ އޮފީސްތަކަށް އިދާރީ ގޮތުން ދިމާވަމުންދާ ދަތިތައް ޙައްލު ކުރުމުގެ ގޮތުން، ދައުލަތުގެ އޮފީސް ތަކުގައި ހުރި ބަޖެޓް ފައިސާ ހިމަނާފައިވާ މަޤާމުތަކުން މުވައްޒަފުން ވަކިވުމުން، ހުސްވާ މަޤާމުތަކަށް މުވައްޒަފުން ނެގުމުގައި ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ނުޖެހޭނެ ކަމަށެވެ.

އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން މުވައްޒަފުން ހޯދަންވާނީ މި އަހަރުގެ ޖެނުއަރީ ފުރަތަމަ ދުވަހުން ފެށިގެން ވަޒީފާ އިން ވަކިވެފައިވާ މުވައްޒަފުންގެ ބަދަލުގައި ކަމަށާއި، މުވައްޒަފުން ހޯދަންވާނީ އިދާރާއެއްގެ އެންމެ އިސް ވެރިޔާގެ ހުއްދައާ އެކު އެ އޮފީހެއްގެ ފައިނޭންސް އެގްޒެކްޓިވްގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މީހެއްގެ ހުއްދައާއެކު ކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެ އެވެ.

ވަޒީފާ ތަކަށް މުވައްޒަފުން ނެގުމަށް އަލަށް ހަމަޖެއްސެވި އުޞޫލްގައިވާ ގޮތުން މުވައްޒަފަކު ނެގުމުގެ ކުރިން މުސާރަ އާއި އިނާޔަތްތައް ބަޖެޓްގެ ތެރެއިން ހަމަޖެހިފައިވާތޯ ފައިނޭންސް އެގްޒެކްޓިވް ކަށަވަރު ކުރަންވާނެ ކަމަށާއި، މުވައްޒަފުންގެ ބަދަލުގައި މުވައްޒަފުން ނަގަންވާނީ ވަކިވި މުވައްޒަފުންގެ މަގާމަށާއި ރޭންކް އަދި ކްލެސިފިކޭޝަންގެ މަގާމަށް ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ. އެއިން އެއްވެސް ކަމަކަށް ބަދަލެއް އަންނަނަނަމަ، އެމަޤާމަކަށް މުވައްޒަފުން ނަގަންވާނީ ފިނޭންސް މިނިސްޓްރީއަށް ލިޔެ ހުއްދަ ހޯދައިގެން ކަމުގައިވެސް ފިނޭންސްގެ ސާކިއުލާގައި ބުނެފައި ވެއެވެ.

ފިނޭން މިނިސްޓްރީގެ ސާކިއުލާގައި ބުނެފައިވަނީ، މި އުޞޫލާ ހިލާފަށް ދައުލަތުގެ އެއްވެސް އޮފީހަކުން މުވައްޒަފުން އިތުރުކޮށްފިނަމަ، އެމުވައްޒަފެއްގެ މުސާރައާއި ޢިނާޔަތްތަކަށް ދޭންޖެހޭ ފައިސާ ހަމަޖައްސަންވާނީ އެ އޮފީހެއްގެ ފައިނޭންސް އެގްޒެކްޓިވް ކަމަށެވެ.