ޤައުމީ ދުވަހުގެ ދިދަނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

29 އޮކްޓޯބަރ 2019


1441 ވަނައަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގައި ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު 6.00 ގައި ބާއްވައިފިއެވެ. ދިދަ ނަންގަވައި ދެއްވީ މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފްވެރި މެހްމާން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ.

ދިދަ ނަންގަވައި ދެއްވުމަށްފަހު ޝަރަފްވެރި މެހްމާން ރައީސް އަލްފާޟިލް ޢުމަރުޒާހިރު ޤައުމީ ދުވަހާގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ރައީސް އަލްފާޟިލް ޢުމަރު ޒާހިރު ދެއްކެވި ވާހަކަ ފުޅުގައި، ޕޯޗުގީޒުގެ އަޅުވެތިކަމުގެ ދަށުން ދިވެހި ޤައުމު ސަލާމަތް ކުރުމަށް އުތީމު މުޙައްމަދު ތަކުރުފާނާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ހިތްވަރުގަދަ މަސައްކަތަކީ އަގުނުކުރެވޭ ވަރުގެ މަސައްކަތެއް ކަމަށެވެ. އަދި މިދުވަހަކީ ދިވެހިތާރީޚްގައި ލިޔެވިފައިވާ ވަރަށް ފަޚްރުވެރި ދުވަހެއް ކަމަށާއި، ޕޯޒުގީޒުގެ އަޅުވަތިކަމުން އެމަނިކުފާނު ދިވެހިންނަށް ހޯއްދަވައި ދެއްވި މިނިވަންކަމުގެ ހަނދާންތައް ދިރުވައި އާލާކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކުވެސް އަބަދުމެ ކުރަންޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގައި ދުވަހެއް ފާހަގަކުރާނަމަ އެންމެ އިސްކަންދޭ ދުވަހެއްގެ ގޮތުގައި ޤައުމީ ދުވަސް ވާންޖެހޭ ކަމަށާއި، ކޮންމެ އަހަރަކުވެސް ސަރުކާރުންނާއި އެހެނިހެން ފަރާތްތަކުން މިދުވަސް ކުލަގަދަގޮތެއްގައި ފާހަގަކޮށް، ބޮޑުތަކުފާނުގެ ޒިކުރާ އާކުރުމަކީ ކުރަންޖެހޭ ކަމެއްކަމުގައިވެސް ރައީސް ޢުމަރު ޒާހިރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ނިލަންދޫގައިހުރި ސަރުކާރުގެ މުވައްސަސާތަކުންނާއި ޢާންމު ފަރާތްތަކުން ބައިވެރިވެ ލެއްވިއެވެ.

1441 ވަނައަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ނިލަންދޫގައިހުރި ސަރުކާރުގެހުރިހާ މުވައްސަސާއެއް ގުޅިގެން ހުޅަނގު ބަދަރުގައި އެކިއެކި ޙަރަކާތްތައް ހިންގިފައިވެއެވެ. ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ހިންގި ޙަރަކާތަކުގެ ތެރޭގައި ފަންގިވިނުމާއި، ރޯނުވެށުމާއި، ހުނިގޭނުމުގެ އިތުރުން ކުޑަކުދިންނާގުޅޭ ޙަރަކާތްތައް ހިންގިފައިވެއެވެ.

1441 ވަނައަހަރުގެ ޤައުމީދުވަސް ފާހަގަ ކުރުމުގެ ތެރެއިން
1441 ވަނައަހަރުގެ ޤައުމީދުވަސް ފާހަގަ ކުރުމުގެ ތެރެއިން
1441 ވަނައަހަރުގެ ޤައުމީދުވަސް ފާހަގަ ކުރުމުގެ ތެރެއިން
1441 ވަނައަހަރުގެ ޤައުމީދުވަސް ފާހަގަ ކުރުމުގެ ތެރެއިން