އަތޮޅުކައުންސިލްގެ މުވައްޒަފުންނަށް އީ.އެޑްމިންއާބެހޭ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ހިންގައިފި

08 ނޮވެންބަރ 2019


ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގައި އީ.އެޑްމިންގެ ތެރެއިން މުވައްޒަފުންނާބެހޭ މަސައްކަތްތައް ކުރިއަށް ގެންދިއުމުގެ ގޮތުން އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން އެއްދުވަހުގެ ތަމްރީން ޕްރޮގުރާމެއް މިއަދު ހިންގައިފިއެވެ. މި ތަމްރީނު ޕްރޮގުރާމްގައި މަޢުލޫމާތު ދެއްވާފައިވަނީ އެން.ސީ.އައިޓީގެ ބޭފުޅުންނެވެ.

މިތަމްރީނު ޕްރޮގުރާމަކީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި އެން.ސީއައިޓީއާއި ގުޅިގެންހިންގި ތަމްރީނު ޕްރޮގުރާމެކެވެ. އެގޮތުން މަޢުލޫމާތު ދެއްވުމަށް ވަޑައިގެންނެވި ދެބޭފުޅުންގެ ދެކޮޅު ދަތުރުގެ ޚަރަދާއި، ހުރުން ހަމަޖައްސާފައިވަނީ މިއިދާރާއިންނެވެ.

އީ.އެޑްމިންއަކީ މުވައްޒަފުންނާބެހޭ ރެކޯޑްތައް ސަރުކާރުގެ ވިއުގައިގެ ތެރެއިން ބެލެހެއްޓޭގޮތަށް ފަރުމާކޮށްފައިވާ ޕްރޮގުރާމެކެވެ. މިޕްރޮގުރާމްގެ ތެރެއިން މުވައްޒަފުންގެ ސަލާމާއި ޗުއްޓީއާއި، މުވައްޒަފުން ބޭރަށްދިއުމުގެ ރެކޯޑުތައް ފަސޭހަކަމާއެކު ބެލެހެއްޓެއެވެ.

މި ތަމްރީނު ޕްރޮގުރާމްގައި އަތޮޅުކައުންސިލްގެ މުވައްޒަފުންގެ އިތުރުން ނިލަންދޫ ކައުންސިލްގެ އިދާރާގެ މުވައްޒަފުންނާއި ފ.އަތޮޅުތަޢުލީމީ މަރުކަޒުގެ މުވައްޒަފުން ބައިވެރިވެ ތަމްރީނު ހޯދާފައިވެއެވެ.