ގެސްޓުހައުސްގެ ދެކޮޓަރީގައި މިހާރު ކުރަމުން ގެންދާ މަސައްކަތްތައް އަންނަ ހަފްތާގެ ތެރޭގައި ނިމޭނެ

15 އެޕްރީލް 2020


ނިލަންދެއަތޮޅު އުތުރުބުރީ ސްޓޭޓްހައުސް ގޯތީގައި ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ ގެސްޓު ހައުސްގައި ހިމެނޭ 08 ބުލޮކުގެ ތެރެއިން ފުރަތަމަ ބުލޮކްގައި ހިމެނޭ 04 ކޮޓަރީގެ ތެރެއިން 02 ކޮޓަރީގައި މިހާރު ކުރަމުން ގެންދާ މަސައްކަތްތައް އަންނަ ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް އެމަސައްކަތް ޙަވާލު ކޮށްފައިވާ ބޭޓާ ބެސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ބުނެފިއެވެ.

މިހާރު ކުރަމުން ގެންދަނީ ތަޅުންއެޅުމާއި މުށިޖެހުމާއި، ފެންވައިރުގެ މަސައްކަތާއި ފާޚާނާގެ މަސައްކަތެވެ. އެމަސައްކަތްތައް ނިމުމުން އެ 02 ކޮޓަރީގައި ނުނިމި ހުންނާނީ ދޮރާއި ދޮރުފަތް ހަރުކުރުމުގެ މަސައްކަތެވެ. ފުރަތަމަ ބުލޮކުގެ އަނެއް 02 ކޮޓަރީގެ މަސައްކަތުގެ ތެރެއިން 2019 ވަނައަހަރު ނިމުނުއިރު ކޮންކްރީޓްގެ މަސައްކަތާއި ހިޔާކުރުމުގެ މަސައްކަތްވަނީ ނިމިފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ޚަރަދުތައް ކުޑަކުރުމުގެ ގޮތުން ޕީ.އެސް.އައި.ޕީ ޕްރޮޖެކްޓްތައް ފިޔަަވައި އެހެން ކެޕިޓަލް ޚަރަދުތައް ކުރުން ހުއްޓާލުމަށް މިނިސްޓްރީ އޮފް ފިނޭންސުން އަންގަވާފައިވާތީ، މިހާރު މަސައްކަތް ކުރަމުން ގެންދާ 02 ކޮޓަރީގެ ދޮރާއި ދޮރުފަތުގެ މަސައްކަތްތައް މިވަގުތު ނުކުރެވުނު ނަމަވެސް މިއަހަރު ނިމުމުގެ ކުރިން އެމަސައްކަތްތައްވެސް ކުރެވި އެތަނުގެ ޚިދުމަތް ދޭން ފަށައި އަނެއް 02 ކޮޓަރީގެ މަސައްކަތުގެ ބޮޑުބައެއް ނިމޭނެކަމަށް ލަފާކުރެވެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީގެ ރައްޔިތުންނަށް ފައިދާހުރި ކަންތައްތަކެއް ކޮށްދިނުމުގެ ބޭނުމުގައި އާމްދަނީ ހޯދުމުގެ ގޮތުން ސްޓޭޓްހައުސް ގޯތީގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 16 ކޮޓަރީގެ 08 ބުލޮކެވެ. ކޮންމެ ބްލޮކެއްގައި ހިމެނެނީ 4 ކޮޓަރިއެވެ. މިމަސައްކަތް ކުރަމުން ގެންދަނީ ޓުރަސްޓް ފަންޑަށްލިބޭ ފައިސާއިންނާއި، އަތޮޅުރައްޔިތުންގެ ނަމުގައި ލިބޭ ފައިސާއިންނެވެ.

ގެސްޓުހައުސްގެ ފުރަތަމަ ބުލޮކުގެ 02 ކޮޓަރީގައި މިހާރު ކުރަމުން ގެންދާ މަސައްކަތްތައް ނިމޭއިރު ފުރަތަމަ ބުލޮކުގެ 04 ކޮޓަރި ޢިމާރާތް ކުރުމުގެ މަސައްކަތަށް 744،190/69 ރުފިޔާ ޚަރަދުވާނެއެވެ.