އެޕްރީލް މަހުގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވައިފި

18 އެޕްރީލް 2020


2020 އެޕްރީލް މަހުގެ 19 އިން 30 ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙް ހަމަޖައްސަވައިފިއެވެ.

މިމުއްދަތުގައި ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވީ، ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން ނެރުއްވައިފައިވާ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ކަމުގައި މިކަމާގުޅޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ނަންބަރު 11/2020 ދެންނެވުމުގައި ބުނެފައި ވެއެވެ.

ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖެއްސެވިކަމުގައިވިޔަސް، ދައުލަތުން ރައްޔިތުންނަށް ކޮންމެހެން ދެއްވަންޖެހޭ އަސާސީ ޚިދުމަތްތައްދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށާއި، އޮފީސް ހުޅުވައިގެން ޚިދުމަތެއް ދެއްވަންޖެހިއްޖެނަމަ، އެ ޚިދުމަތެއް ދެއްވުމަށް ބޭނުންވާ އެންމެމަދު މުވައްޒަފުން ނެރުއްވައިގެން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތާއި، ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުގެ ލަފަޔާއެކު، އެ އޮފީހެއްގެ ވެރިޔަކު ކަނޑައަޅުއްވާ ގޮތެއްގެ މަތިން، އޮފީސް ހުޅުވައިގެން އެ ޚިދުމަތެއް ދެވޭނެ އިންތިޒާމު ހަމަޖެއްސެވުމަށްވެސް އެދެންނެވުމުގައި ބުނެފައި ވެއެވެ.

އޮފީސްތައް ނުހުޅުވާ ގޮތަށް ހަމަޖެއްސުމުގެ އެންމެ ބޮޑު ބޭނުމަކީ ކޮވިޑް-19 ކޮންޓްރޯލް ކުރުން ކަމަށްވާތީ، މި މުއްދަތުގެ ތެރޭގައި ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އަންގަވާ އެންގެވުންތަކަށް އެންމެހައި މުވައްޒަފުން ބޯލަނބައި ކިޔަމަންގަތުމަށާއި، އެ އޭޖެންސީން ދެއްވާ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރެއްވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައި ވެއެވެ.

މިކަމާގުޅޭގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައިވާ ފިޔަވަޅުތައް ތަންފީޒު ކުރުމުގެ ގޮތުން ދައުލަތުގެ އިދާރާތަކުން ކުރައްވަންޖެހޭ އެންމެހައި ކަންކަން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ހަމަޖައްސަވާފައިވާ މި ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއް ނޫންކަމުގައި ބުނެފައިވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައިވަނީ 19 މާރިޗު 2020 އިން ފެށިގެންނެވެ. މިއަދަކީ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް ބަންދުކުރިތާ 01 މަސްދުވަސް ހަމަވި ދުވަހެވެ.