ދިވެހިރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ނަމާދުގެ ޖަމާޢަތްހެދުން މެދުކަނޑާލައިފި

19 އެޕްރީލް 2020


ދިވެހިރާއްޖޭގައި ކޮވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާތީ، ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ މިސްކިތްތަކުގައި ފަރުޟު ނަމާދުތަކާއި ހުކުރުނަމާދާއި ތަރާވީޙު ނަމާދުގެ ޖަމާޢަތް ނުހެދުމަށް އިސްލާމިކު މިނިސްޓްރީން ނިންމަވައިފިއެވެ.

މިކަމާގުޅޭ ގޮތުން އިސްލާމިކު މިނިސްޓްރީން މިއަދު ނެރުއްވި ސާރކިއުލާގައި ބުނެފައިވަނީ، ކޮވިޑު-19 އާއި ގުޅިގެން މިއަދުގެ މަޣްރިބު ނަމާދުން ފެށިގެން މިހިނގާ އެޕްރީލް މަހުގެ 30 ވަނަދުވަހުގެ އަޞުރު ނަމާދުގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ފަރުޟު ނަމާދުތަކާއި ހުކުރުނަމާދާއި ތަރާވީޙް ނަމާދު ޖަމާޢަތް ނުހެދުމަށް ނިންމަވާފައިވާ ކަމަށާއި، އެގޮތަށް ނިންމެވީ އިސްލާމީ ފަތުވާދޭ އެންމެމަތީ މަޖްލީހާއި ދީނީ ޢިލްމު ވެރިންގެ ލަފާގެ މަތިން ކަމަށެވެ.

މިޙާލަތުގައި މިސްކިތުގައި ހަމައެކަނި ބަންގި ގޮވުމަށާއި، ބަންގީގެ ފަހުގައި ދިވެހިބަހުން "ހުރިހާ ބޭފުޅުން ގޭގައި ނަމާދުކުރައްވާ!" މިފަދައިން ދެފަހަރު ގޮވުމަށްވެސް އެސާރކިއުލާރގައި ބުނެފައި ވެއެވެ.

މިދަނޑިވަޅުގައި ކަމާބެހޭ ފަރާތްތަކުން ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލު ކުރުމަށާއި، މިސްކިތުގެ ޖަމާޢަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރުމަށާއި، ތަރާވީޙު ނަމާދު ކުރުމަށާއި، ސުންނަތް ނަމާދު ގިނަކޮށް، ކީރިތި ޤުރުއާން ކިޔަވައި، ﷲގެ ރަޙުމަތުން މާޔޫސްނުވެ، ސަބަބު ތަކުގައި ހިފައި، ފުރިހަމައަށް ﷲ އަށް ވަކީލުކޮށް ގިނަގިނައިން ދުޢާކޮށް، އިސްތިޣުފާރު ކުރުމަށް އިސްލާމިކު މިނިސްޓްރީން ހުރިހާ ރައްޔިތުންނަށް ނަޞޭޙަތްތެރިވެ ވަޞިއްޔަތް ކޮށްފައި ވެއެވެ.