ފ.އަތޮޅު ކައުންސިލްގެ ރެކްރިއޭޝަން ކްލަބުގެ ހިންގާ ކޮމެޓީ ހަތަރުވަނަ ދައުރަކަށް އިފްތިތާޙް ކޮށްފި

05 ޑިސެންބަރ 2017

ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ރެކްރިއޭޝަން ކުލަބު "އެއްބައި ވަންތަ ކަމުގެ ރޫޙް" ގެ ހިންގާ ކޮމެޓީ ހަތަރުވަނަ ދައުރަކަށް މިއަދު އިފްތިތާޙް ކޮށްފިއެވެ.

ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމްގައި ކުލަބުގެ ހިންގާ ކޮމެޓީ އިފްތިތާޙް ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހިންގާ ކޮމެޓީ އިފްތިތާޙް ކޮށްދެއްވީ ފ.އަތޮޅު ކައުންސިލްގެ ރައީސް އަލްފާޟިލް ޢުމަރު ޒާހިރެވެ.

ހިންގާ ކޮމެޓީ އިފްތިތާޙް ކޮށްދިނުމުގެ ރަސްމިއްޔާތުގައި ރައީސް އަލްފާޟިލް ޢުމަރު ޒާހިރު ދެއްކެވި ވާހަކަފުޅުގައި، ކާމިޔާބު ކަމާއެކު ކުލަބުގެ މަސައްކަތްތައް ކުރެވެމުންދާނީ ކުލަބުގެ މަޤްޞަދުތައް ޙާޞިލް ކުރުމަށްޓަކައި ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތްތައް ކޮށްގެން ކަމަށާއި، ހަތަރުވަނަ ދައުރުގެ ހިންގާ ކޮމެޓީގެ ހުރިހާ މެންބަރުންވެސް ކްލަބުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމުގައި އެހެން މުވައްޒަފުންނަށް ނަމޫނާ ބަޔަކަށް ވުމަށާއި، މުވައްޒަފުންނާ ގުޅިގެން ކުލަބުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވިދާޅުވިއެވެ.

ކޮންމެ ކަމެއް ކުރުމުގައިވެސް ޚިޔާލު ތަފާތުވުންތައް ހުންނާނެ ކަމަށާއި، މުވައްޒަފުންގެ މެދުގައި އުފުދޭ ޚިޔާލު ތަފާތުވުން ތަކުގެ ސަބަބުން ކުލަބުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭފަދަ ގޮތަކަށް އެއްވެސް މުވައްޒަފަކު ޢަމަލު ނުކުރުމަށާއި، ކުލަބު ހިންގުމުގައި ދިމާވާ ހުރަސްތަކާއި ދަތިތައް ޙައްލުކޮށް، ކުލަބުގެ ތެރެއިން ރައްޔިތުންނަށް ފައިދާހުރި މަސައްކަތްތަކެއް ކޮށްދެއްވުމަށްވެސް ހުރިހާ މުވައްޒަފުންގެ ކިބައިން އެދިވަޑައި ގަންނަވާ ކަމުގައި ރައީސް އަލްފާޟިލް ޢުމަރުޒާހިރު ވިދާޅުވިއެވެ.

ކުލަބުގެ ނިމިދިޔަ ދައުރުގައިވެސް ރަގަނޅު ޙަރަކާތްތަކެއް ކުލަބުން ހިންގާފައިވާ ކަމަށާއި، އެ ޙަރަކާތްތައް ހިންގިފައިވަނީ ހުރިހާ މުވައްޒަފުން ގުޅިގެން ކުރެވުނު މަސައްކަތުން ކަމަށާއި، ފާއިތުވި ދައުރުގައި ހިންގި ޙަރަކާތް ތަކަށްވުރެ ރަގަނޅު ޙަރަކާތްތަކެއް ކުރިއަށްއޮތް ދައުރުގައި ފެނިގެން ދާނެކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެ ފާއިތުވި ދައުރުގެ ހިންގާ ކޮމެޓީއަށާއި ހުރިހާ މުވައްޒަފުންނަށް ރައީސް އަލްފާޟިލް ޢުމަރު ޒާހިރު ޝުކުރު އަދާކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންސިލަރުންނާއި، އިދާރީ ވެރިންނާއި މުވައްޒަފުން ބައިވެރިވެ ލެއްވިއެވެ.

ފ.އަތޮޅު ކައުންސިލްގެ އިދާރާގެ ރެކްރިއޭޝަން ކްލަބު "އެއްބައި ވަންތަ ކަމުގެ ރޫޙް" ގެ ހަތަރުވަނަ ދައުރުގެ ހިންގާ ކޮމެޓީގެ މެންބަރުން

ރައީސް އަލްފާޟިލް އިބްރާހީމް މޫސާ (އެސިސްޓެންޓް ޑިރެކްޓަރ)

ނައިބް ރައީސާ އަލްފާޟިލާ ފަރީދާ އިބްރާހީމް (އެސިސްޓެންޓް ޑިރެކްޓަރ)

ސެކްރެޓަރީ އަލްފާޟިލާ ޚަދީޖާ ޢަލީ (ރިސާރޗް އޮފިސަރ)

ޚަޒާންދާރު އަލްފާޟިލާ ފާޠިމަތު އިބްރާހީމް (އެސިސްޓެންޓް ފައިނޭންސް އޮފިސަރ)

އިންތިޒާމް ސެކްރެޓާރީ އަލްފާޟިލާ ޖަމީލާ އިބްރާހީމް (ޕްރޮޖެކްޓް އޮފިސަރ)

އިތުރު މެންބަރ އަލްފާޟިލާ ޙައްވާ ޢަބްދުލް ޢަޒީޒު (ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ)

އިތުރު މެންބަރ އަލްފާޟިލް ޢަބްދުލް ވާޙިދު ޢަބްދުލް ޢަޒީޒު (ކޮމްޕިއުޓަރ ޓެކްނީޝަން)

އިތުރު މެންބަރ އަލްފާޟިލާ އާމިނަތު ރިލްފާ (އެކައުންޓްސް އޮފިސަރ)

އިތުރު މެންބަރ އަލްފާޟިލާ ހުމޭދާ ޙުސައިން (އެޑްމިނިސްޓްރޭޓިވް އޮފިސަރ)