ކޮވިޑް-19 އާއި ގުޅިގެން މިއަތޮޅު ނިލަންދޫ ކައުންސިލުން ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފި

22 އެޕްރީލް 2020


ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ

ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ، މިއަތޮޅު ނިލަންދޫގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގެ ގޮތުން 2020 އެޕްރީލް 21 ވަނަދުވަހުގެ 18.00 އިން ފެށިގެން ޚާއްޞަ ފިޔަވަޅުތަކެއް ނިލަންދޫ ކައުންސިލުން އަޅައިފިއެވެ. މިފިޔަވަޅުތައް އަޅާފައިވަނީ މިކަމާގުޅޭގޮތުން ނިލަންދޫ ކައުންސިލުން ނެރުއްވާފައިވާ ޚާއްޞަ ދެންނެވުމަކުންނެވެ.

ނިލަންދޫ ކައުންސިލުން އެޅުއްވި ފިޔަވަޅު ތަކުގެ ތެރޭގައި ނިލަންދޫގެ ހޮޓާތަކާއި، ބޯކޮށާތަން ބަންދު ކުރުމާއި ފިހާރަތައް ހުޅުވާފައި ބަހައްޓާ ގަޑިތަކަށް ބަދަލު ގެނައުމާއި، އެކިއެކި މަސައްކަތްތައް ކުރާމީހުން ކައުންސިލްގައި ރަޖިސްޓްރީކޮށްގެން މަސައްކަތްތައް ކުރަމުން ގެންދާގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

ނިލަންދޫގެ ފިހާރަތައް ހުޅުވާފައި ބަހައްޓާ ގަޑިތަކަކީ ހެނދުނު 8.00 އިން ހަވީރު 5.00 އަށް ކަމުގައި ހަމަޖައްސަވައި، ފިހާރަތަކުން ވިޔަފާރި ކުރެވޭނީ ޑެލިވަރީކޮށްގެން ކަމަަށާއި، ހޮޓާތައް ބަންދުކުރި ނަމަވެސް ކައުންސިލްގައި ރަޖިސްޓްރީ ކޮށްގެން ޑެލިވަރީ ކުރުމުގެ ޚިދުމަތް ދެވިދާނެކަމަށް ނިލަންދޫ ކައުންސިލުން ނެރުއްވި ދެންނެވުމުގައި ވެއެވެ.

ޟަރޫރީ ބޭނުންތަކުގައި މެނުވީ ގެއިން ބޭރަށް ނުކުމެ ނޫޅުމަށާއި، ޞިއްޙީ ފަރުވާ ހޯދުމަށް ހޮސްޕިޓަލަށް ދިއުމުގެ ކުރިން ހޮސްޕިޓަލަށް ގުޅުއްވައި، ހޮސްޕިޓަލުން ދޭ ލަފަޔާއި އެއްގޮތަށް ޢަމަލު ކުރުމަށާއި، ފަރުޟު ނަމާދުތަކާއި ހުކުރުނަމާދާއި ތަރާވީޙު ނަމާދު ޖަމާޢަތުގައި ކުރުން ވަގުތީގޮތުން ހުއްޓާލުމަށް އަންގަވާފައި ވުމާއެކު ގޭގައި ނަމާދުކުރުމަށް ނިލަންދޫގެ ރައްޔިތުންނަށް ނިލަންދޫ ކައުންސިލުން އިލްތިމާސް ކޮށްފައި ވެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިއަތޮޅުގެ ހުރިހާ ރަށެއްގައިވެސް ރަށުފެންވަރުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވެއެވެ.