ރަމަޟާންމަހާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތުގަޑި ހަމަޖައްސަވައިފި

24 އެޕްރީލް 2020


މި އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ މަސައްކަތު ގަޑި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ. އެގޮތުން ރަސްމީ މަސައްކަތު ގަޑިއަކީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އަށް ކަމުގައި ވަނީ ހަމަޖައްސަވާފައެވެ. މިކަން ހާމަކުރައްވާފައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ނަންބަރު 13/2020 ދެންނެވުމުގައެވެ.

މި އަހަރުގެ ރަމަޟާން މަސް ފެށުނީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ދުވަސްވަރެއްގައި ކަމަށްވާތީ، ސަރުކާރުގެ އޮފީސްތައް ނުހުޅުވައި މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތްކުރުމާބެހޭ ގޮތުން ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވާފައިވާ ނަންބަރު 11/2020 ދެންނެވުމުގައިވާ ގޮތަށް ޢަމަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާވަނީ އިލްތިމާސް ކުރައްވާފައެވެ.

ފާއިތުވި އަހަރުގެ ރަމަޟާންމަހާއި ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9.00 އިން މެންދުރުފަހު 1.00 އަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުގެ އޮފީސްތައް 19 މާރިޗު 2020 އިން ފެށިގެންވަނީ ބަންދުކޮށްފައެވެ. އަދި ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާތީ 30 އެޕްރީލް 2020 ގެ ނިޔަލަށް ސަރުކާރުގެ އޮފީސްތައް ބަންދުކޮށްފައި ބެހެހެއްޓުމަށްވަނީ ނިންމަވާފައެވެ.