ފަސް މިލިއަނަށްވުރެ ދަށުގެ ޕްރޮކިއުމެންޓްތަކުގެ މަޢުލޫމާތު ގެޒެޓްގައި ޝާޢިއު ކުރުމަށް އަންގައިފި

09 ޑިސެންބަރ 2020



ފަސް މިލިއަނަށްވުރެ ދަށުގެ ޕްރޮކިއުމެންޓްތަކުގެ މަޢުލޫމާތު ހާމަކުރުމަށް ސަރުކާރުގެ އިދާރާތަކަށް މިނިސްޓްރީ އޮފް ފިނޭންސުން މިއަދު އަންގަވައިފިއެވެ. މިކަން އަންގަވާފައިވަނީ އެމިނިސްޓްރީން މިއަދު ނެރުއްވި ސާރކިއުލަރ އަކުންނެވެ.

އެ ސާރކިއުލާގައި ވަނީ ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުވައްސަސާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތު ޤަވާޢިދުގެ ބާބު 10 ގެ ޖަދުވަލު 1 ގެ 3 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމެންޓެއް ކަމުގައިވާނަމަ، އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މައުލޫމާތު، އެ ޕްރޮކިއުމަންޓެއް އެވޯޑް ކުރެވުނު ތާރީޚުން ފެށިގެން ސަރުކާރު ބަންދުނޫން ފަސް ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރަން ވާނެ ކަމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުއައްސަސާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތު ޤަވާޢިދުގެ ބާބު 10 ގެ ޖަދުވަލު 1 ގެ 1 އަދި 2 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ އަގުގެ ޕްރޮކިއުމަންޓެއް ކަމުގައިވާނަމަ ކޮންމެ މަހެއްގައި އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑްކޮށްފައިވާ ފަރާތުގެ މައުލޫމާތުވެސް، ދެން ފެށޭ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިރު ކުރަން ވާނެ ކަމަށްވެސް އެ ސާރކިއުލާގައި ބުނެފައި ވެއެވެ.

ދައުލަތުގެ މާލިއްޔަތު ޤަވާޢިދުގެ ދަށުން ފަނަރަ އިންސައްތަ އަށްވުރެ އިތުރަށް އެޑްވާންސްގެ ގޮތުގައި ފައިސާ ދިނުމުގައާއި، އެއްފަހަރާ ފައިސާ ދައްކައިގެން ނޫނީ ލިބެން ނެތް މުދަލާއި ޚިދުމަތުގެ އަގު -/35،000 ރުފިޔާ އަށްވުރެ ބޮޑުކަމުގައިވާނަމަ، އެ ފައިސާ އެއްފަހަރާ ދޫކުރުމުގެ ކުރިން މިނިސްޓަރ އޮފް ފިނޭންސްގެ ހުއްދަ ހޯދުމަށް ބަނޑޭރި ޕޯރޓަލް މެދުވެރިކޮށް ހުށަހެޅަންޖެހޭގޮތަށްވެސް ވަނީ ހަމަޖައްސަވާފައެވެ.