ކައުންސިލުން ހިންގާ ޙަރަކާތްތައް

2024 ވަނައަހަރު އަތޮޅު ކައުންސިލުން ހިންގި މުހިންމު ޙަރަކާތްތައް

ނިލަންދެއަތޮޅު އުތުރުބުރީގައި "ޕްލޭއިން ވިތް ކޮރަލްސް" ގެ ނަމުގައި ޚާއްޞަ ޕްރޮޖެކްޓެއް ފެށުން

ކުޑަކުދިންނަށް ޚާއްސަ ފުޓްބޯޅަ ޕްރޮގްރާމެއްގެ ތެރެއިން މޫސުމާއި ކަނޑުފަޅުގެ ތިމާވެއްޓަށް ހޭލުންތެރިކަން އިތުރުކުރުމަށް "ޕްލޭއިން ވިތް ކޮރަލްސް" ގެ ނަމުގައި ޚާއްޞަ ޕްރޮޖެކްޓެއް ނިލަންދެއަތޮޅު އުތުރުބުރީ މަގޫދޫގައި ކުރިއަށް ގެންގޮސްފިއެވެ. މި ޕްރޮޖެކްޓަކީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިސްނަގައިގެން ޔުނިވަސިޓީ އޮފް މިލާނޯ ބިކޯކާއާއި ޔޫރަޕްގެ މަޝްހޫރު ފުޓްބޯޅަ ކުލަބް އިންޓަރ މިލާން އަދި ޔުއެފާ ފައުންޑޭޝަން ފޯ ޗިލްޑްރަންއާ ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މިއަތޮޅު މަގޫދޫގައި ހުންނަ ބިކޯކާ ޔުނިވަރސިޓީގެ މެރައިން ރިސަރޗް އެންޑް ހަޔަރއެޑިއުކޭޝަން ސެންޓަރުގައި ދެ އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮޖެޓްގައި ކުޑަކުދިންނަށް އަމާޒުކޮށް މައިގަނޑު ދެ ބާވަތެއްގެ ޙަރަކާތްތަކެއް ކުރިއަށް ގެންދެވޭނެއެވެ. ފުރަތަމަ ބަޔަކީ ކަނޑުފަޅާއި އެތަންތާގެ ދިރުންތަށް ހިމާޔަތްކޮށް، ރައްކާތެރިކޮށް ދިރުވާ އާލާކުރުމާގުޅޭ ހޭލުންތެރިކަން އިތުރުކޮށް އެކަންކަމާގުޅޭ ހުނަރުތައް ދަސްކޮށްދިނުމެވެ. ދެވަނަ ބަޔަކީ ފުޓްބޯޅަކުޅުމުގެ ހުނަރުތަށް ކުދިންނަށް އުނގަންނައި ދިނުމާއި ކުޅިވަރުގެ ތެރެއިން ފަރުދީ އަދި އިޖުތިމާޢި ހުނަރުތަށް ދަސްކޮށްދިނުމެވެ.

2024 މޭ 07 އިން 12 އަށް 06 ދުވަހުގެ މުއްދަތަށް މިއަތޮޅު މަގޫދޫގައި ކުރިއަށް ގެންދިޔަ މިޕްރޮޖެކްޓްގެ ފުރަތަމަ ބައިގައި ކުރިއަށް ގެންގޮސްފައިވަނީ ޓްރެއިނަރުން ތަމްރީނު ކުރުމުގެބައެވެ. އެގޮތުން މިއަތޮޅުގެ ރަށުކައުންސިލްތަކާއި، ސްކޫލް މަދަރުސާތަކާއި ކުލަބް ޖަމްޢިއްޔާ ޖަމާޢަތްތަކުން 14 ޓްރެއިނަރުން ތަމްރީނު ކުރެވިފައި ވެއެވެ. މި ޕްރޮޖެކްޓް ނިމޭއިރު މިއަތޮޅުގެ ކޮންމެ ސްކޫލަކުން 40 ކުދިން ޖުމްލަ 200 ކުދިން ތަމްރީނު ކުރެވޭނެއެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިސްނަގައިގެން ފެށި މި ޕްރޮޖެކްޓްގެ ފުރަތަމަބައި ކުރިއަށް ގެންދިއުމުގައި މިއަތޮޅުގެ ރަށު ކައުންސިލްތަކާއި ސްކޫލުތަކާއި އެން.ޖީ.އޯތަކުގެ އިތުރުން ފ. އަތޮޅު ޕޮލިސްގެ އެހީތެރިކަން ލިބިފައިވެއެވެ. އަތޮޅުގެ ދާއިރާތަކާ ގުޅިގެން ކުރިއަށްގެންދާ މިޕްރޮޖެކްޓަކީ އަތޮޅަށް ވަރަށްފައިދާ ކުރާނެ ޕްރޮޖެކްޓެއް ކަމުގައި ފާހަގަ ކުރެވެއެވެ.

މި ޕްރޮޖެކްޓް މަގޫދޫގައި ކުރިއަށް ގެންދިއުމުގައި ޓުރައިނަރުން މަގޫދޫއަށް ގެނެސް ގެންދިއުމުގެ ދަތުރުފަތުރުގެ ޚަރަދުތަކާއި، މި ޕްރޮޖެކްޓް ފެށުމުގެ ރަސްމިއްޔާތުގެ ޚަރަދުތަކާއި، ޓުރެއިނަރުންގެ ކެއިން ބުއިމުގެ ޚަރަދުތަކާއި، މި ޕްރޮޖެކްޓާގުޅޭ ގޮތުން ކުރަންޖެހުނު އެހެނިހެން ޚަރަދުތައް ކޮށްފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ ބަޖެޓުންނެވެ.

ގެވެށި އަނިޔާއާއި ކުށްމަދު ކުރުމާގުޅޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުން

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން 2024 ވަނަ އަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ތަކުގެ ތެރޭގައި ހިމެނޭ، ގެވެށި އަނިޔާއާއި ކުށްމަދު ކުރުމާގުޅޭ ހޭލުންތެރި ކުރުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފިއެވެ.

ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ކޮންމެ ރަށެއްގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ 2024 މޭ 12 އަދި 13 މި ދެދުވަހުއެވެ.

މި ޕްރޮގްރާމަކީ ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގައި ގެވެށި އަނިޔާއާއި ކުށްމަދުކޮށް، ރަށްރަށުގައި އަމާން ވެއްޓެއް ޤާއިމް ކުރުމަށް ރަށްރަށުގެ ރައްޔިތުންނަށް އަމާޒުކޮށްގެން ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން މިއަހަރު ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމެވެ.

މިއަހަރުގެ މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި، ފާފު އަތޮޅު ޕޮލިސް ސްޓޭޝަނާއި، ފާފު ފެމެލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރާއި، ރަށްރަށުގެ ރަށުކައުންސިލްތަކާ ގުޅިގެން ފުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ އެހީތެރިކަމާއެކުއެވެ. މި ޕްރޮގްރާމްގައި ގެވެށި އަނިޔާއާއި ކުށްމަދު ކުރުމުގެ މަޢުލޫމާތު ދެއްވާފައިވަނީ ފުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ބޭފުޅުންނެވެ.

ނިލަންދެއަތޮޅު އުތުރުބުރީގެ ރަށްރަށުގައި ގެވެށި އަނިޔާއާއި ކުށްމަދު ކުރުމަށް ރައްޔިތުން ހޭލުންތެރި ކުރުކުރުވުމަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލާއި ފުލުހުންނާއި ގުޅިގެން ކުރިއަށްގެންދާ މިމަސައްކަތުގެ ތެރެއިން މިކަންކަމުގެ ހޭލުންތެރިކަން މީހުންނަށްލިބި، އަތޮޅުގައި ގެވެށި އަނިޔާއާއި، ކުށްކުރާމީހުން މަދުވަމުން އަންނަކަން ފާހަގަ ކުރެވެއެވެ.

މިއަތޮޅުގެ ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތް ކުރުން

ނިލަންދެއަތޮޅު އުތުރުބުރީގެ ރަށު ކައުންސިލްތައް 2024 ވަނަ އަހަރު މޮނިޓަރ ކުރުމުގެ މަސައްކަތް 2024 ޖަނަވަރީ 24 ގައި ފަށައި 2024 މޭ 03 ގައި ނިންމައިފިއެވެ. މިއަހަރު ކުރިއަށް ގެންގޮސްފައިވަނީ 2023 ވަނަ އަހަރުގެ މަސައްކަތްތަކެވެ.

ރަށު ކައުންސިލްތައް މޮނިޓަރ ކުރުމަށްފަހު ރަގަނޅު ކުރުމަށް ފާހަގަކުރެވޭ ކަންތައްތައް ރަގަނޅު ކުރުމަށް ކައުންސިލްތަކަށް އެންގުމަށްފަހު، އެމަސައްކަތް ކައުންސިލްތަކުން ކުރިއަށް ގެންގޮސްފައިވާ މިންވަރު ބެލުމުގެ ގޮތުން މިއަހަރުގެ ފަހުކޮޅުގައި ރިވިއު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ.

ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ކައުންސިލް ތަކުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރަމުންގެންދާ މިންވަރު ބެލުމާއި، އެ ރަށެއްގައިހުރި ސަރުކާރުގެ މުވައްސަސާތަކާއި ކައުންސިލާއި އޮންނަ ގުޅުންތައް ބެލުމާއި، ހުށަހަޅަންޖެހޭ ރިޕޯޓްތަކާއި ލިއުންތައް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅާފައިވޭތޯ ބެލުމާއި ކައުންސިލްގެ މުދަލާއި ފައިސާގެ ކަންކަންތައްތަކާއި އިދާރީ ކަންތައްތައް ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ގެންގޮސްފައިވޭތޯ ބެލުން ހިމެނެއެވެ.

ރަށު ކައުންސިލްތައް މޮނިޓަރ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު ހުރިހާ ކައުންސިލް ތަކުންވެސް ވަރަށްބޮޑު އެއްބާރުލުމެއް އަތޮޅު ކައުންސިލަށް ދެއްވާފައި ވެއެވެ.

މިއަތޮޅުގެ ތިން ރަށުކައުންސިލަކަށް ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން

މިއަތޮޅު ފީއަލީ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ މާލީ ބަޔާންތައްޔާރު ކުރުމުގައި ދިމާވެފައިވާ މައްސަލަ ޙައްލު ކުރުމާއި، ފައިސާގެ މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމަށް 2024 ފެބްރުވަރީ 14 އިން 17 އަށް ފީއަލީ ކައުންސިލް އިދާރާގައި މަސައްކަތް ކުރެވިފައި ވެއެވެ. ފީއަލީ ކައުންސިލް އިދާރާގައި ކުރި މަސައްކަތް ތަކުގެ ތެރޭގައި 2023 ވަނަ އަހަރުގެ މާލީ ބަޔާން ތައްޔާރު ކުރުމުގައި ދިމާވެފައިވާ މައްސަލަތައް ހޯދައި، އެ އަހަރުގެ މާލީބަޔާން އެއްކޮށް ފުރިހަމަ ކޮށްދިނުމާއި، ހިސާބުތައް ބެލެހެއްޓުމުގައި ހުރި އޮޅުންތައް ސާފުކޮށްދިނުމާއި، ފައިސާގެ މަސައްކަތްކުރާ މުވައްޒަފުންނަށް މާލީބަޔާން ފުރިހަމަ ކުރުމުގައި ކުރަންޖެހޭ މުހިންމު ކަންތައްތަކާއި، ހިސާބުތައް ބެލެހެއްޓުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތަމްރީނުތައް ދެވިފައި ވެއެވެ.

މިއަތޮޅު ދަރަނބޫދޫ ކައުންސިލް އިދާރާގެ ވެބްސައިޓް ބެލެހެއްޓުމާބެހޭ ތަމްރީނު އެ ކައުންސިލްގެ މުވައްޒަފުންނަށް ދިނުމާއި ދަރަނބޫދޫ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ މާލީ ބަޔާން ޗެކްކުރުމާއި، ފައިސާގެ މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމަށް 2024 ފެބްރުވަރީ 22 އިން 24 އަށް ދަރަނބޫދޫ ކައުންސިލް އިދާރާގައި މަސައްކަތް ކުރެވިފައި ވެއެވެ. ދަރަނބޫދޫ ކައުންސިލް އިދާރާގައި ކުރި މަސައްކަތް ތަކުގެ ތެރޭގައި ދަރަނބޫދޫގެ ވެބްސައިޓް ބެލެހެއްޓުމުގެ ތަމްރީނުތައް މުވައްޒަފުންނަށް ދިނުމާއި، ވެބްސައިޓަށް ލާންޖެހޭ ލިއުންތައްލައި ވެބްސައިޓް ފުރިހަމަ ކުރުމުގެ މަސައްކަތް ކުރުމާއި، ދަރަނބޫދޫ ކައުންސިލް އިދާރާގެ 2023 ވަނަ އަހަރުގެ މާލީ ބަޔާން ޗެކްކޮށް، މާލީ ބަޔާނުގައި ހުރި މައްސަލަތައް ފާހަގަކޮށް، ރަގަނޅު ކުރެވެންހުރި ކަންތައްތައް ރަގަނޅު ކޮށްދިނުމާއި، މާލީ ބަޔާނުގައި ހުރި މައްސަލަތައް ރަގަނޅު ކުރާނެގޮތްތައް މުވައްޒަފުންނަށް ބުނެދިނުމާއި، މާލީބަޔާން ފުރިހަމަ ކުރުމުގައި ކުރަންޖެހޭ މުހިންމު ކަންތައްތަކާއި، ހިސާބުތައް ބެލެހެއްޓުމުގައި ސަމާލުކަން ދޭންޖެހޭ ކަންތައްތަކުގެ ތަމްރީނުތައް ދެވިފައި ވެއެވެ.

ފ. މަގޫދޫ ކައުންސިލް އިދާރާގެ ފައިސާގެ ހިސާބުތައް ހަރުދާނާކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށާއި، ފައިސާގެ މަސައްކަތްކުރާ މުވައްޒަފުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމަށް 2024 ފެބްރުވަރީ 28 އިން 2024 މާރިޗު 03 އަށް ފ. މަގޫދޫ ކައުންސިލް އިދާރާގައި މަސައްކަތް ކުރެވިފައި ވެއެވެ. މަގޫދޫ ކައުންސިލް އިދާރާގައި ކުރި މަސައްކަތްތަކުގެ ތެރޭގައި 2024 ޖަނަވަރީ، ފެބްރުވަރީ މި ދެމަހު ބެންކް އެކައުންޓަށް ޖަމާކުރި ފައިސާގެ ތެރެއިން ރަސީދު ނުހަދައި ހުރި ފައިސާގެ ހިސާބުތައް ވަކިކޮށް، ލިބޭފައިސާގެ ދުވަހުފޮތް ތައްޔާރުކޮށްދީ 2024 ޖަނަވަރީ، ފެބްރުވަރީ މަހުގެ ލިބުނު ހުރިހާ ފައިސާއެއް ދުވަހުފޮތަށް އަރުވައި، ލިބުނު ފައިސާގެ 2024 ޖަނަވަރީ، ފެބްރުވަރީ މަހުގެ މަސްދުވަހުގެ ރިޕޯޓާއި، ލިބުނު ފައިސާގެ މި ދެމަހުގެ ޢާންމުކުރާ ރިޕޯޓާއި، ލިބުނު ފައިސާގެ 2024 ވަނަ އަހަރުގެ އަހަރީ ރިޕޯޓް ތައްޔާރުކޮށް، ރިޕޯޓްތަކަށް އަރުވަންޖެހޭ ހިސާބުތައް އަރުވައި ހިސާބުތައް ފުރިހަމަކޮށް، 2024 ވަނަ އަހަރުގެ އައިޓަމްތަކުގެ ބާކީއާއި، އެކައުންޓްބާކީއާއި ރިކޮންސިލިއޭޝަން ސްޓޭޓްމަންޓްގެ ހިސާބުތައް ފުރިހަމަ ކުރުމަށް ބޭނުންވާ ނަމޫނާ ތައްޔާރުކޮށް، އެ ހިސާބުތައް ފުރިހަމަ ކުރަންޖެހޭ ގޮތުގެ މަޢުލޫމާތާއި، ވިޔަމޮޑިއުލްގެ ތެރެއިން މަސައްކަތްތައް ކުރަންޖެހޭ ގޮތުގެ މަޢުލޫމާތުތައް މުވައްޒަފުންނަށް ދީ މިކަންކަމަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ މަސައްކަތްތައް ކުރެވިފައި ވެއެވެ.

މި ރަށްރަށުގައި ކުރި މަސައްކަތްތައް ކޮށްފައިވަނީ މިއިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ރަފީޢު އެވެ.

ކައުންސިލްތަކުގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރު ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން މިއަތޮޅުގެ ކައުންސިލް ތަކުގެ މުވައްޒަފުންނަށް މާލީ ބަޔާން ތައްޔާރު ކުރުމުގެ ތަމްރީނު ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

2024 ފެބްރުވަރީ 04 އިން 07 އަށް ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމްގައި ކުރިއަށް ގެންދިޔަ މިތަމްރީނު ޕްރޮގްރާމްގައި ފީއަލީ ކައުންސިލުން 01 މުވައްޒަފަކު، ދަރަނބޫދޫ ކައުންސިލުން 03 މުވައްޒަފަކު، ނިލަންދޫ ކައުންސިލުން 01 މުވައްޒަފަކު އަދި އަތޮޅު ކައުންސިލުން 02 މުވައްޒަފަކު ޖުމްލަ 07 މުވައްޒަފުން ބައިވެރިވެ ތަމްރީނު ފުރިހަމަ ކޮށްފައި ވެއެވެ.

ހަތަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީނު ފުރިހަމަކުރި މުވައްޒަފުންނަށް ހަނދާނީލިއުން ދީފައި ވެއެވެ. ހަނދާނީ ލިއުން ޙަވާލު ކޮށްދެއްވީ އަތޮޅު ކައުންސިލްގެ ނައިބްރައީސް ޢަބްދުﷲ ވަޙީދެވެ.

މާލީ ބަޔާން ރަގަނޅު ފެންވަރުގައި ތައްޔާރު ކުރުމަށް 2021 ވަނަ އަހަރުން ފެށިގެން ނިލަންދެއަތޮޅު އުތުބުރީ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން ކައުންސިލް ތަކުގެ ވަރަށްގިނަ މުވައްޒަފުން މިހާރުވަނީ ތަމްރީނު ކޮށްފައެވެ.

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މި މަސައްކަތުގެ ތެރެއިން 2022 ވަނަ އަހަރަކީ މިއަތޮޅުގެ ހުރިހާ ރަށެއްގެ ރަށުކައުންސިލް އިދާރާތަކުގެ މާލީ ބަޔާން އަތޮޅުކައުންސިލަށް ލިބުނު ފުރަތަމަ އަހަރެވެ.

މާލީ ބަޔާންތައް ތައްޔާރު ކުރުމުގެ މަޢުލޫމާތު ދީފައިވަނީ ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވް އަޙްމަދު ރަފީޢުއެވެ.


Back to top